މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.
މި އިނާމު ދިނުމާ ގުޅޭ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށް ކޮމިޓީން މައުލޫމާތު ދެއެވެ.
ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ ޕޯޓަލް މެދުވެރިކޮށްކަން ފާހަގަކޮށްފައިވެ އެވެ.
މިއަހަރުވެސް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. އެގޮތުން ފުރަތަމަ ގިންތީގައި ހިމެނެނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކެވެ. ދެވަނަ ގިންތިއަކީ ރާއްޖެ ތަމްސީލުކޮށް ބައިނަލްއަގްވާމީ މައުރަޒު ނުވަތަ މުބާރާތްތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް ދޭ އިނާމެވެ.
ތިންވަނަ ގިންތީގައި ހިމެނެނީ ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކެވެ. ހަތަރުވަނަ ގިންތިން އިނާމު ދޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުންނަށެވެ.
ހާއްސަ އިނާމާބެހޭ ކޮމިޓީން އަންގާފައިވާ ގޮތުގައި އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށް، އުސޫލުގައިވާ ގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭންވާނެ އެވެ. މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.


