މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ފެނާއި ނަރުދަމާ އަދި އުމްރާނީ ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން އޮޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އާއެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ (އޮފިޑްގެ ރައީސް ޑރ. ޢަބްދުލްޙަމީދު އަލްޙަލީފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރާތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އޮޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ރައީސް އާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ވަނީ އޮޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން އަބަދުވެސް ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްޞަކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އޮޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ރައީސް، ވަނީ ރާއްޖެއާއި އޮޕެކް ފަންޑާއި ދެމެދުގައިއޮތް ފަންސާސް އަހަރާއި ގާތްވެފައިވާ ގުޅުން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ދެއްވުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަންދެއްވާފަ އެވެ.



