ވެލިދޫ ދާއިރާގެ ތަރައްގީގެ ކަންކަމުގައި ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު ނ. ފޮއްދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ރައްޔިތުންނަށް ވީހާވެސް ފުރިހަމައަށް ހިދުމަތްތައް ދިނުމަށް ކަމަށެވެ.
މި މަސައްކަތްތައް ކުރިއަށްގެންދާއިރު ފޮއްދޫ ކައުންސިލުން ފުރިހަމަ އެއްބާރުލުން ލިބޭކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ދާއިރާގެ މެންބަރު އައްބާސްގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް ރައީސް ވިދާޅުވި އެވެ.
”ހަގީގަތް ހާމަކުރުމުގެގޮތުން ހަމަ ދަންނަވާލަން ބޭނުން، ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ އެހީތެރިކަމެއް ނުލިބޭކަން. ނުލިބޭ ތަނުގައި ކަންކަމަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދާކަން އަޅުގަނޑު ހިތާމަޔާ އެކީގައި ފާހަގަކުރަން.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މަންދޫބެއް ކަމުގައިވާނަމަ، ސިޔާސީ ޚިޔާލުތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މައްޗަށް ގެނެސްގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއަށްވުރެ ޒިންމާދާރުކަމާއެކު ޕްރޮފެޝަނަލްކޮށް މަސައްކަތްކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ފަރާތުން ވެސް، އައްބާސްއަށްވުރެ ބޮޑަށް އެއްބާރުލުން ލިބޭ ކަމަށެވެ.
”އެމްޑީޕީގެ މެންބަރުންގެ ކިބައިންވެސް އެއްގޮތަކަށް ދަންނަވަންޏާ، މާރަނގަޅު ސަރުކާރަށް، ކަންކަން އޮންނަ ގޮތް. އެއީ އެ ބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަންމަކަށް. އެ ބޭފުޅުންގެ ދާއިރާގެ ކަމެއްގައި، އަދި މިއަދާހަމައަށް އައިއިރު އަޅުގަނޑާ ހަމައަށް ނާދޭ އެއްވެސް ކަމެއްގަ. އެހެންވެ މާފަސޭހަ ކަންކަން ކުރަން.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނާއި އެކު ކަމަށެވެ. އަދި އެކަމުގައި އެ ރަށުގެ ކައުންސިލްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ.
ނ. ފޮއްދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް


