ދިވެހިންގެ އުފެއްދުންތަކާއި ވާހަކަތައް އެހެން ޤައުމުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް ވިދާޅުވެއްޖެ އެވެ.
ޞަފާ މިހެން ވިދާޅުވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ފިލްމް އެންޑް ޓެލެވިޜަން ފެސްޓިވަލް 2025 ތެރެއިން ދެއްވި ތަޤުރީރެއްގަ އެވެ.
”މިފަދަ މަންސަތަކަކީ، ކޮންމެ ޤައުމެއްގެ ސަޤާފަތް ގުޅުވައިދޭ މުހިންމު މަންސަތަކެއް“ ކަމަށް ސަފާ ވިދާޅުވި އެވެ. އަދި މިއީ ޤައުމީވަންތަކަން ދައްކުވައިދޭން ލިބޭ ފުރުސަތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
ޤައުމުތަކުގެ މިފަދަ ވާހަކަތައް ގެނެސްދީ، ތަރުޖަމާކޮށް އެ އުފެއްދުންތައް ލިބޭނެ ގޮތް ހެދުމަށް އިންވެސްޓުކުރަން ޖެހޭ ކަމަށް ސަފާ ވިދާޅުވި އެވެ. އަދި މީހުން ބިނާކޮށް ތަރުޖަމާކުރުމާއެކު ޤައުމުތަކުގެ އުފެއްދުންތައް އެންމެންނަށް ފޯރުކޮށްދެވޭނެގޮތަށް ކަންކަން އިންތިޒާމުކުރުން މުހިންމުކަން ފާހަގަކުރެއްވި އެވެ.
މި ފެސްޓިވަލްގެ ތެރެއިން ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ޗައިނާގެ ނަޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ޓެލެވިޜަން ފެސްޓިވަލަކީ ބްރޯޑްކާސްޓިންގ، ޓެލެވިޜަން އަދި އޮންލައިން އޯޑިއޯ ވިޜުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އަދި ސިނާޢީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި، އެސްސީއޯގެ ކުރިމަގު ހިއްސާކުރާ ގާތް މުޖުތަމަޢެއް އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.
ރާއްޖެ - ޗައިނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)


