ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން އިމާރާތްކޮށްފައިވާ 4000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން އަންގާނީ ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފުލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި، ފުލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓު ލިބުނު މީހުން މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ގޮތުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފުލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އަދި ފުލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށް ގެންދާނީ ވެސް އެފްޑީސީން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
އެގޮތުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް އެކަން އަންގާނެ ކަމަށާއި، އެގޮތަށް ޕޯޓަލުން ނާންގާ ފަރާތްތަކަށް މިނިސްޓްރީއިން ނުވަތަ އެފްޑީސީން ނުގުޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުންޏެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.



