ފުވައްމުލަކުގައި ޤާއިމްކުރަމުންދާ ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިކަން އެގްރިކަލްޗަރ މިނިސްޓްރީގެ ނައިބު އިސްމާޢީލް މުޙައްމަދު ހާމަކުރެއްވީ ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީން މަސައްކަތްކުރަމުންދަނީ މި ލެބޯޓަރީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށެވެ.
ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާއިމްކުރާ މި ލެބޯޓަރީގެ މަސައްކަތާއެކު، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކެއްވެސް ކުރަންޖެހޭ ކަމަށް އިސްމާޢީލް މުޙައްމަދު ފާހަގަކުރެއްވިއެވެ.
ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެފަރާތްތަކުން އުފައްދާ ތަކެއްޗަށް މާކެޓް ނުލިބުމާއި، އުފައްދާ ތަކެތި ރައްކާތެރިކޮށް ބެހެއްޓޭނެ ނިޒާމެއް ނެތުމެވެ. މި ކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިސްމާޢީލް މުޙައްމަދު ވިދާޅުވިއެވެ.
މި ލެބޯޓަރީ ޤާއިމްކުރުމުން ދަނޑުވެރިކަމުގެ ދާއިރާއަށް ގިނަގުނަ ކުރިއެރުންތަކެއް ލިބި، ދަނޑުވެރިންނަށް ދިމާވެފައިވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން އުންމީދުކުރެއެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން



