މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމަށް މިއަދު ހެނދުނު 06:00 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.
މި މައްސަލައިގައި އެ މީހާ ހިފަހައްޓާފައި ހުރިތަނުގެ ތަޅު ހަލާކުކޮށްލައިގެންވަދެ އެމީހާ އެތަނުން ނެރެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ރަހީނު ކޮށްފައިހުރީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަމަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



