ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ ސަބަބުން، މާލޭ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން ޖުމްލަ 422 އުޅަނދު ޓޯ ކޮށްފި އެވެ.
ފުލުހުން ވަނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން ޓޯކުރި އުޅަނދުތަކުގެ ތަފާސްހިސާބުތައް އާންމު ކޮށްފަ އެވެ.
އެގޮތުން، މަޖީދީ މަގުގައި ޕާކުކޮށްފައިހުރި 216 ސައިކަލަކާއި ދެ ކާރެއްވަނީ ޓޯ ކޮށްފަ އެވެ. އަދި ތަކުރާރުކޮށް ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ ސަބަބުން މަޖީދީ މަގުން އިތުރު އެއް ސައިކަލު ވެސް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.
ބޮޑުތަކުރުފާނު މަގުން ޓޯކުރީ 164 ސައިކަލާއި 38 ކާރެވެ. އަދި ތަކުރާރުކޮށް ނުގަވާއިދުން ޕާކުކުރުމުން، އިތުރު އެއް ކާރު ވަނީ ޓޯކޮށްފަ އެވެ.
މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ހާއްސަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެންކަމުން، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފަ އެވެ.
ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދު ވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، އެކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.


