ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކޮށްފި އެވެ.
މި ޕޫލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި މި ޕޫލަކީ އެ ކުންފުނީގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން އެހެން މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ފަށައިގަނެވުނު މަސައްކަތެކެވެ. މި ޕޫލް އިފްތިތާހުކޮށްފައިވަނީ ތަމްރީނު ނަގައިދިނުމުގެ ދާއިރާއިން ބައިނަލްއަޤްވާމީ ސަނަދު ހާސިލުކޮށްފައިވާ 35 މުވައްޒަފުންނާއެކުގަ އެވެ.
”ޓްރެއިން ދަ ޓްރެއިނާ“ އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލުކޮށްފައިވާ މި މުވައްޒަފުންނަށް ސްޓެލްކޯއިން ވަނީ ސްޓެލްކޯގެ ސެޓިފައިޑް ޓްރެއިނަރެއްގެ ލައިސަންސް ދޫކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ބައިނަލްއަޤްވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ.
ސްޓެލްކޯގެ އިންހައުސް ޓްރެއިނާސް ޕޫލްގެ ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ އިތުރުން، އިދާރީ އެކި ދާއިރާތަކާއި ހިއުމަން ރިސޯސް، ސެކިއުރިޓީ، މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ދާއިރާތަކަށް ޚާއްޞަ މުވައްޒަފުން ހިމެނެ އެވެ.
މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުވެ، ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސްޓެލްކޯއން ގަބޫލު ކުރެ އެވެ.



