މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ތިން މެންބަރުން އިންތިހާބު ކޮށްފި އެވެ.
އެމްއެމްސީގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގަ އެވެ.
މި އިންތިހާބުގައި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެގޮތުގައި އިންތިހާބުކޮށްފައިވަނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމާއި، އަދަދު ނޫހުގެ ލީވާން އަލީ ނާސިރެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ ހައްވާ ވަޖުދާ ގާސިމެވެ.
މި އިންތިހާބުގައި މުޒައްޔިންއަށް ލިބުނީ 50 މީޑިއާގެ ވޯޓެވެ. ލީވާނަށް ލިބުނީ 48 މީޑިއާގެ ވޯޓެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު ވޯޓެވެ.
މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެންބަރުން ތިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކަށް ނިސްބަތްވާ އަށް މެންބަރުންނާއި އަމިއްލަ ގޮތުން ހޮވާ ހަތް މެންބަރުންނެވެ.


