އެކްސިޑެންޓެއްވުމުން މަޑުނުކޮށް ފިލި މީހަކު ހައްޔަރު ކޮށްފި އެވެ.
ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައި.އޯ.އެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު އެވެ.
މި މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖޫން 19 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް 6 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
ފުލުުހުން ބުނެފައިވަނީ މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖޫން މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ފުލުހުން މައުލޫމާތުދިީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ އެއްގަމު އުޅަނދުތައް ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫން ކަމަށެވެ.