ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކޮށްފި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރި ޚާއްޞަ ކޮމިޝަނުގެ ރިޕޯޓުގައި، އޭނާ ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަމަށް ފާހަގަކުރެވިފައިވާތީ އެވެ. މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ދާއޫދު އަޙްމަދު މަޤާމުން ވަކިކުރެވުނު އިރު ހުރީ ސަސްޕެންޑް ކުރެވިފައެވެ. އޭނާ ސަސްޕެންޑް ކުރެވިފައިވަނީ ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ.
މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ދާއޫދު އަޙްމަދުގެ ކޮއްކޮ ރައުދު އަޙްމަދު ޒިލާލެވެ. ފުލުހުން މި މައްސަލަ ތަޙުޤީޤުކޮށް ނިންމުމަށްފަހު، ރައުދުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
އޭޕްރީލް 18 ގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.