ދިވެހިރާއްޖެ އާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސްޓޭޓް ޕްރެޒިޑަންޓް ލުއޮންގް ކުއޮންގް އަށާއި ބޮޑުވަޒީރު ފާމް މިންހް ޗިންހްއަށް، ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
އެ ގައުމުގެ ސްޓޭޓް ޕްރެޒިޑެންޓަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
މި ތާރީޚީ މުނާސަބަތުންވެސް، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. ޚާއްޞަކޮށް ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާއި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭކަން ޔަޤީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި، އެ ޤައުމަށް އިތުރު އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތަކުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެ އެވެ.