ޔުނައިޓަޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ ދަ އޭޝިއާ އެންޑް ޕެސިފިކް (ޔޫއެންއެސްކެޕް) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު، ހުދާ ޢަލީ ޝަރީފް އެކަމަނާގެ މަޤާމުގެ ފަތްކޮޅު މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އަރުވާފައިވަނީ އދ ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާއަށެވެ.
ބެންގްކޮކުގައި ހުންނަ އދ. ގެ ކޮންފަރެންސް ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތަށްފަހު އޮތް ބައްދަލުވުމުގައި، ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފް ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވާފައެވެ. އަދި ޔޫއެންއެސްކެޕްއާއެކު ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޝައުޤުވެރިކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެގްޒެކެޓިވް ސެކްރެޓަރީ ވަނީ ދިވެހިރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއަރުވައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ޔޫއެންއެސްކެޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ޔޫއެންއެސްކެޕްއަކީ އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ 53 މެމްބަރު ޤައުމު ހިމެނޭ ކޮމިޝަނެކެވެ. ދިވެހިރާއްޖެ މި ކޮމިޝަންގެ މެންބަރަކަށްވީ 1971 ގައެވެ. ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ދާއިމީ މަންދޫބު ހުދާ ޢަލީ ޝަރީފްއަކީ ދިވެހިރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ޤައުމަކަށް ވުމަށްފަހު އެސްކެޕް އަށް ކަނޑައެޅުއްވި ފުރަތަމަ ދާއިމީ މަންދޫބެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ތައިލޭންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލާރ ޝަޖްނާ އިބްރާހީމް އިޤްބާލް އަދި ސެކަންޑް ސެކްރެޓަރީ ސިޔާނާ ޝިޔާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.