ސްރީލަންކާގައި ހިންގާ ކޮލެޖުތަކެއް ސަސްޕެންޑްކޮށްފައިވާތީ، ދިވެހި ދަރިވަރުން އެކަމަށް ސަމާލުވުމަށާއި، އިތުރަށް އެތަންތަނަށް އެންރޮލް ނުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްކިޔުއޭއިން މައުލޫމާތު ދިން ގޮތުގައި، ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެކް)ގައި ރަޖިސްޓްރީކޮށްފައިވާ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑްކޮށްފައިވާ ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވެ އެވެ. މީގެ ތެރޭގައި މެޓްރޯޕޮލިޓަން ކޮލެޖާއި އީސޮފްޓްގެ ހުރިހާ ކެމްޕަސްތައް ހިމެނެ އެވެ.
އެމްކިޔުއޭއިން ވަނީ މި މަރުކަޒުތަކުގައި މިހާރު ކިޔަވަމުންދާ ދިވެހި ދަރިވަރުން ވީ އެންމެ އަވަހަކަށް recognition@mqa.gov.mv އަށް މެއިލް ކުރުމަށް އެދިފަ އެވެ. އަދި މި މަރުކަޒުތަކުގެ ޕްރޮގްރާމުތަކުގައި އިތުރު ދަރިވަރުން މިވަގުތު އެންރޯލްވެ ކިޔެވުން ނުފެށުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
އެމްކިޔުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއިން ބޭރަށް ކިޔަވަން ދާ ބައެއް ދަރިވަރުން ”ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް“ ނުހޯދާ ކަމުގެ ކަންބޮޑުވު ފާޅުކޮށްފަ އެވެ. މިކަމުގެ ސަބަބުން ދަރިވަރުން ކިޔަވައި ނިމިގެން އަންނަ އިރު، އެ ކިޔެވި މަރުކަޒަކީ އެމްކިޔުއޭ ގަބޫލުކުރާ މަރުކަޒަކަށް ނުވުމުން، އުސޫލުގެ ތެރެއިން ސަނަދު ވެލިޑޭޓް ނުކުރެވޭ ހާލަތްތައް ދިމާވާކަން ފާހަގަކޮށްފައިވެއެވެ.



