ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭގޮތް ބެލުމަށް މަޖިލިހަށް ހުށަހެޅި ޤަރާރު ބަލައިގެންފި އެވެ.
މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މި ޤަރާރު މަޖިލިހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ވޯޓުންނެވެ. މި ޤަރާރު ބަލައިގަތުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
މި ޤަރާރު ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ޝުޖާއު ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ، ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ މި ނިޒާމުގެ ސަބަބުން ރަށްތަކާއި އަތޮޅުތަކުގެ ތަރައްޤީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތް ކަމަށެވެ.
ޤަރާރުގައި ބުނެފައިވަނީ، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދާމެދު އާންމުންގެ މެދުގައި ކަންބޮޑުވުން އޮތް ކަމަށެވެ.
”ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުންވެސް ބަލާފައިވަނި އެ ވަގުތަކަށް ބޭނުންވާ އިސްލާހުތައް ޤާނޫނަށް ގެނެސް ”ޕެޗް“ އަޅައިގެން ހައްލު ހޯދުމެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ، ޤާނޫނުއަސާސީގެ އަށްވަނަ ބާބުން ލާޒިމް ކޮށްފައިވާ ކަމެކެވެ.“ ޝުޖާއުގެ ޤަރާރުގައި ބުނެފައިވެ އެވެ.
ޝުޖާއިގެ ޤަރާރުގައި ބުނެފައިވަނި، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތީ ކައުންސިލަރުންގެ އަދަދާމެދު ކަމަށެވެ. އެގޮތުން 50 މީހުންގެ އާބާދީއަށްވެސް 5 ކައުންސިލަރުން ތިބެންޖެހޭކަން ފާހަގަކޮށްފައިވެ އެވެ. އަދި މިއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދުވެސް ކޮންޓްރޯލް ކުރުމަކީ ގިނަބަޔަކު ޤަބޫލުކުރާގޮތުން ކުރަންޖެހޭ ކަމަށްކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ޝުޖާއުގެ ޤަރާރުގައި ބުނެފައިވަނީ، ޤާނޫނުއަސާސިއަށް ހުރުމަތްތެރިކޮށް ހިތުމާއި، ޤާނުނީ ވެރިކަމެއް ނަގަހައްޓައި ދެމެހެއްޓުމުގެ ވިސްނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަސީ ނިޒާމު ހަރުދަނާކުރުމަށް، އެކަމަށް ހާއްސަ ވުޒާރާއެއް ކެބިނެޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި މި ވުޒާރާއިން މި ނިޒާމުގައި ހުރި ”ހާ“ އަޅާ ކިތަންމެ ތަނެއް ދެނެގަނެފައިވާ ކަމަށެވެ. މިކަމުގައި އެކަށޭނަ ދިރާއެއް ކުރުމަށްފަހު މި މައްސަލައަށް ބޭނުންވާ ޤާނޫނީ އިސްލާހުތައް ސަރުކާރުން ލަސްތަކެއް ނުވެ މަޖިލީހަށް ފޮނުވާނެ ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.