ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓްގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަމަށް ފުލުހުން އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ބުނެފި އެވެ.
ފުލުހުން އަދި ސީއެމްޑީއޭއިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިރުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން، މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ ސީއެމްޑިއޭގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ.
ނަމަވެސް ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ރަޖިސްތްރީކޮށްގެން ހިންގާ ސްމީކެއް ނޫން ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭކަން ފާހަގަ ކޮށްފައިވެ އެވެ.
”ދިވެހި ފުލުހުންގެ ހިދުމަތުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި، ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕްރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފައެވެ.“ ފުލުހުން އަދި ސީއެމްޑީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއް ކަމަށެވެ. އަދި މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެއް ކަމަށެވެ.
މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.