ޝަމްއާން ބަންދުކުރި މައްސަލައިގެ އަޑުއެހުުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަތަކުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފައިވެ އެވެ. މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ޝަމްއާން ހައްޔަރުކުރިއިރު އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ. އޭގެފަހުން ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރުމަށް އަމުރުކުރި އެވެ. މި މައްސަލައިގައި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ދައުވާވެސް ކޮށްފަ އެވެ.

ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އޭނާ ހައްޔަރުކޮށް ބަންދަށް ފުރަތަމަ 15 ދުވަސް ޖެހި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމާއި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމެމެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ޝަމްއާންގެ ބަންދަށް ފުރަތަމަ 15 ދުވަސްދިން މައްސަލައިގައި އޭނާގެ ޤާނޫނީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ޝަމްއާން ހައްޔަރުކޮށް ޕާސްޕޯޓު ހިފަހައްޓައި ބަންދު މުއްދަތު ޖެހިއިރު މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. ޝަމްއާންގެ ފުރަތަމަ ބަންދު މަޖިލީހާ ހަމައަށްވެސް އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކޮރަޕްޝަންގެ ކުށެއްކަމަށްވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށް އަދި މަނީލޯންޑްރިންގެ ކުށް ކަމަށްވީއިރު އޭސީސީއާ ނުލާ ފުލުހުންނަށް މިކަންކަން ނުކުރެވޭނެކަން ނޫރުއްސަލާމް ފާހަގަ ކުރެއްވި އެވެ. ނޫރުއްސަލާމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުން އެކަނި ބެލުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ ތަންނުދޭ ކަމަށެވެ. އަދި އޭސީސީ ނުހިމަނާ މިކަންކަން ކޮށްފައި އޮތުމުން ފުލުހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެ މާއްދާއާ ޚިލާފުވެފައިވާ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ހައިކޯޓުން މި މައްސަލަ ނިންމުމުގައި އޭސީސީއާ ނުލައި ފުލުހުންނަށް މައްސަލަ ބެލޭނެ ކަމަށް ނިންމާފައިވާ ނިންމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ފުށުއަރާކަން ނޫރުއްސަލާމް ފާހަގަކުރެއްވި އެވެ. އަދި ހައިކޯޓުން މިގޮތަށް ބަޔާންކޮށްފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު މިއަދު ހިނގަމުންދާ ގޮތާއި ޚިލާފަށް ކަމަށްވެސް ނޫރުއްސަލާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޤާނޫނުއަސާސީގެ 199 މާއްދާއިން އޭސީސީއަށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ބާރު މުތުލަޤަށް ދީފައިވަނިކޮށް އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއިން އެ ބާރު ހަނިކޮށްފައިނެތީސް، މިބާވަތުގެ ކޮރަޕްޝަންގެ މައްސަލަތަކުގައި އޭސީސީގެ ބައިވެރިވުންނެތި ބެލޭނެ ކަމަށް ހައިކޯޓުން މި މައްސަލައިގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޝަމްއާން ވަހީދުގެ ވަކީލް ނޫރުއްސަލާމް ޝަރިއަތުގައި ވާހަކަދައްކަވަނީ–

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގައި ވާހަކަދައްކަވަމުން ނޫރުއްސަލާމް ވިދާޅުވީ، އެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމެވީ އެ ކޯޓަށް ޝަމްއާންގެ ފަރާތުން ހުށަހެޅި މައްސަލައިގައި އިސްތިއުނާފީ ނުކުތާއެއް ނެތް ކަމަށް ކަމަށެވެ. އެކަން ނިންމީ ސުޕްރީމް ކޯޓުގެ ޝަހީބް ގަޒިއްޔާއާ ހަވާލާދީ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުގެ އެގަޒިއްޔާ މި މައްސަލައަށް ހައިކޯޓުން ތަތުބީގު ކުރެެއްވީ، ތަތުބީގު ކުރުމުގައި ތަބާވާން އޮތް އުސޫލު ކަމަށްވާ ވާގިއާތަކުގެ އެއްގޮތްކަމުގެ މައްޗަށް ބެލުމުގެ އުސޫލުއޮތް ގަޒިއްޔާގައި ބަޔާންކުރާ ގޮތަށް ނޫން ކަމަށެވެ.

ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މި ދެ މައްސަލައިގައި ހައިކޯޓުގެ ނިިންމުންތައް ބާތިލުކޮށް އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތައް ބާތިލުކޮށް މިނިވަން ކޮށްދިނުމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލް ހައްވާ ނާހީ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ އެކަށީގެންވާ ޤާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިނެތް ކަމަށެވެ. އެހެންކަމުން ޕީޖީން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުރާއެއް އޮތް ގަޒިއްޔާއެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. މީގެއިތުރުން ޕީޖީގެ ވަކީލް ހައްވާ ނާހީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ފުލުހުން އަދި އޭސީސީން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރަންޖެހޭނީ ސީދާ ކޮން މަރުހަލާއެއްގައިކަން ބަޔާންކޮށްފައިނުވާ ކަމަށެވެ. ޕީޖީގެ ވަކީލް އައިމިނަތް ޝާމާ ނަސީރު ވާހަކަ ދައްކަވަމުން ވިދާޅުވީ، މި މައްސަައިގައި ހަރުދަނާ ޤާނޫނީ ބަހުސެއް ނެތް ކަމަށެވެ. އަދި ޝަމްއާން ހައްޔަރުކުރި ދުވަހުގެ ޖެހިގެންއައި ދުވަހު ޖޮއިންޓް އިންވެސްޓިގޭޝަނަކަށް އޭސީސީގައި އެދިފައިވާ ކަމަށާއި، އަދި އޭގެ ޖެހިގެންއައި ދުވަހު އޭސީސީން އެކަން ބަލައިގަނެފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓު އަދި ދަށު ކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ޝަމްއާން ވަހީދު ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި–

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައުގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

މުހައްމަދު ޝަމްއާން ވަހީދު ސުޕްރީމް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ