ވިނަރެސްގެ 4 ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
މި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 2 ވަނަ ދުވަހުގެ 14:00 އެވެ.
އެޗްޑީސީން މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ޔުނިޓުތަކުގެ ތެރޭގައި 95 އަކަފޫޓުގެ ޔުނިޓަކާއި، 1،030 އަކަފޫޓުގެ ޔުނިޓަކާއި، 652.51 އަކަފޫޓުގެ ޔުނިޓަކާއި އަދި 2،442.33 އަކަފޫޓުގެ ޔުނިޓެއް ހިމެނެ އެވެ.
މި ޔުނިޓުތަކުގައި ވަކި ބާވަތްތަކެއްގެ ވިޔަފާރިތައް ކުރުން މަނާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން، ކާބޯތަކެތީގެ ވިޔަފާރި އާއި ޖިމް ނުވަތަ ވެލްނެސް ސެންޓަރު ހިންގުމާއި އަދި ކްލިނިކް ހިންގުން މަނާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި ޔުނިޓުތައް ކުއްޔަށް ދޫކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮޕޯސަލްއާ ގުޅޭ މީޓިންގ އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި ޕްރޮޕޯސަލްއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.