އދ. މާމިގިލީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، މާމިގިލީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއް ހިންގާފައިވަނީ ޖޫން 2 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ)، އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ)، އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ)، އދ. މާމިގިލި / ކުވައިތު، މުހައްމަދު މަހްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، އަލީ ޝާނީޒް (39އ) އެވެ.
މި އޮޕަރޭޝަނުގައި އެ 5 މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން 7 ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އާއި މަހްމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި ފިރުޝާން އާއި ޝަހުދުގެ އިތުރުން އަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އެއިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.



