ޤައުމީ ސަލާމަތާބެހޭ އޮޕަރޭޝަން: ހައްޔަރުކުރި މީހުން އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި، ތަހުގީގު ކުރިއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މާޗް 10 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ގައުމީ ސަލާމަތާ ގުޅޭ ކުއްލި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާޗް 10 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ މާލެއާއި ހުޅުމާލޭގެ އެކިތަންތަން ބަލާފާސްކޮށްފަ އެވެ. އަދި ފުލުހުން އޭރު ބުނެފައިވަނީ މި އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާޗް 10 ގެ އޮޕަރޭޝަންގައި ފުލުހުންގެ ހައްޔަރަށް ގެނައި މީހެއްގެ ހާޒިރުގައި އުޅަނދެއް ބަލާފާސްކުރަނީ / ފޮޓޯ: ޖަވިޔަނި

މި މައްސަލައިގައި ”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުން އަދިވެސް ތިބީ ހައްޔަރުގައި ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.

”މައްސަލައިގެ ތަފުސީލު ވީހާވެސް އަވަހަށް ހާމަކުރުމަށް ތައްޔާރުވަމުންދާ ވާހަކަ ދަންނަވަން.“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސީރިއަސް ބޮޑު މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާއިރު، މި މައްސަލައިގެ ތަހުގީގު މުއްދަތު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިތުރުކޮށްދެމުންދާ ކަމަށް އެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވަނީ ”ޖަވިޔަނި“ އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މާޗް 10 ގެ އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޖަވިޔަނި

މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ، މި 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާ ގުޅުން ހުރި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖުމްހޫރީ މައިދާން ސަރަހައްދުން ދުއްވާފައިދިޔަ ލޮރީއެއް ހުއްޓުވައި އޭގައި އިންމީހަކު ހައްޔަރުކޮށް އެ އުޅަނދު ބަލާފާސްކޮށްފައިވެ އެވެ. ޝަބްނަމް މަގުގައި ހުރި ގެއެއް ބަލާފާސްކޮށް އެ މަގުގައި އޮތް ޕިކަޕެއްވެސް ބަލާފާސްކޮށްފައިވެ އެވެ. މީގެއިތުރުން ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްވެސް ބަލާފާސްކޮށްފައިވެ އެވެ. އަދި  ސެނަހިޔާ ކައިރީ ހުރި ގަރާޖެއްގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 7 ވަނަ ފްލެޓު ސަރަހައްދުގައިވެސް ފުލުހުންނާ ސިފައިން ހަރަކާތްތެރި ވެފަ އެވެ.

ފުލުހުންނާއި ސިފައިންގެ މި އޮޕަރޭޝަނާއި ގުޅިގެން ފޮރިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މިފަދަ އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އިންޓެލިޖެންސް ރިޕޯޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދޭތެރެއަކުން ވަކި ރޫޓިންތަކެއްގައި ހިންގާ އޮޕަރޭޝަންތަކެއް ކަމަށެވެ.

އެމްއެންޑީއެފް މޯލްޑިވްސް ޕޮލިސް ސާވިސް ޓެރަރިޒަމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ