ކައުންސިލްގެ ދައުރުގައި ބާކީ 548 ދުވަސް އޮތްނަމަ ބައި އިލެކްޝަން ނުބާއްވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައިވަނީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އޭގެ ސަބަބުން އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާ، ކައުންސިލްތަކުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި-އިލެކްޝަންތައް ގިނަގައިން ބާއްވަންނުޖެހޭ ގޮތް ހެދުމަށެވެ.
މި އިސްލާހުގައި ބުނެފައިވާގޮތުން ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރެއް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ވަކި ހާއްސަ ހާލަތްތަކެއް ފިޔަވައި، އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވާއިރު، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މެއި މަހަށެވެ.