ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި، ޔުމްނުއާއެކު އެވަގުތުހުރި ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ފުރަތަމަ ތަހުގީގު ހިންގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައިގައި ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ މިރޭ ކުރިއަށްގެންދިޔަ އަހާ ފޯރަމްގެ 5 ވަނަ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މި މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.
”ފުލުހުން ވެއްޓިފައި އޮތް އަންހެން ކުއްޖެއް ފެނިގެން އެކަމަށް ރެސްޕޯންޑުކުރީ، އެކުއްޖާގެ އެންމެ ފުރަތަމަ، ފުރާނަހުރި ކުއްޖެއް، އެހެންވީމަ އެކުއްޖާއަށް ދޭންޖެހޭ މެޑިކަލް އަޅާލުން އެންމެ ފުރަތަމަ ދިނީ،“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، ސީން އިން ފެނުނު ކެމެރާ ފުޓޭޖްތަކުން މިހާރު ހައްޔަރުގައި ހުރި ކުއްޖާ ފެނުމާ ގުޅިގެން، އޭނާއަށް މަސްތުވާތަކެތީގެ ޓެސްޓް ހެދުމަށްފަހު، އެ ޓެސްޓްތަކުގެ ނަތީޖާގެ އަލީގައި މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގު ފަށާފައިވެއެވެ.
މިނިސްޓަރ އަލީ އިހުސާން ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ލިބޭ ހެކިތަކަށް ބަލައިގެން ކުރިއަށްގެންދާ ތަހުގީގެކެވެ. އަދި މިއީ ހިތުހުރި ގޮތަކަށް ނުވަތަ ލަފާކުރާ ގޮތަކަށް ކުރާ ތަހުގީގެއް ނޫން ކަމަށާއި، ހެއްކާއި ގަރީނާ ލިބެމުންދާ މިންވަރަކުން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
—— ރައުދު ހައްޔަރުނުކުރި ސަބަބާއި ގުޅޭގޮތުން މިނިސްޓަރ ދެއްވި ޖަވާބު
ރައުދު ހައްޔަރުކުރީ އާންމުންގެ ފާޑު ކިޔުން ބޮޑުވެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އެއީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެފަހުން އަންނަނީ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރަމުންނެވެ. އަދި އެ މައްސަލައިގެ ތަހުޤީޤް ކުރިއަށްގެންދިއުމަށް ރައީސް އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ވަނީ ރައުދުއާ ސުވާލުކޮށްފަ އެވެ.
މީގެ އިތުރުން، ހާދިސާ ހިނގި ރޭ ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ފޯނާއި ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. މިގޮތުން އައިޝަތު ލަޔާލީ އިޤުބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ޙުސައިން ހަމީސް ޢަލީ އަދި އިޖާޒް ޖާއިޒްގެ ފޯނާއި ޕާސްޕޯޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އަހާ ފޯރަމް އަންހެނަކު ވެއްޓުން



