މި ސަރުކާރު އޮތްހާ ހިނދަކު ދިވެހި އެއްވެސް ރައްޔިތަކު ފްރޭމް ނުކުރާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ މިރޭ ކުރިއަށް ދިޔަ ’އަހާ‘ ފޯރަމްގައި މިނިސްޓަރާ ކުރިމަތިވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރަށް އަމާޒުވި ސުވާލުގައި ވަނީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ހައްޔަރު ކުރި މައްސަލައިގައި މިނިސްޓަރު އިހުސާން ޝަމްއާން ފްރޭމް ކުރެއްވިތޯ އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކު ތަފާތު ނުވާ ގޮތަށް، ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް މި ސަރުކާރުން ގާނޫނު ތަމްފީޒް ކުރާނެ ކަމަށެވެ. އަދި ގާނޫނުތައް ތަމްފީޒު ކުރާއިރު ޔުނިފޯމް އެޅި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަ ނަޒަރަކުން ބަލާނެ ކަމަށާއި އެއީ އެ މީހުން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގާނޫނާ ހިލާފުވެއްޖެނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ހަމައެއާއެކު ގާނޫނީ ގޮތުން ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ. އަދި މި ސަރުކާރުން އެއްވެސް މީހަކާ ދޭތެރޭ ގާނޫނާ ހިލާފަށް އަމަލެއް ނުކުރާނެ ކަމަށާއި އެއްވެސް މީހަކު ފްރޭމް ނުކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ޝަމްއާންއަކީ މިނިސްޓަރު އިހުސާންގެ ދަށުން މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކާ އަޅާ ބަލާއިރު މަސައްކަތަށް ވަރަށް ރަނގަޅު، މަސައްކަތުގެ މާހައުލުގައި ވަރަށް ފާހަގަ ކުރެވޭ، ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



