ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ”އަހާ“ ފޯރަމްގެ ފަސްވަނަ ބައްދަލުވުން މިއަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި ރޭގަނޑު 21:00 ގައި ފެށޭ މި ފޯރަމްގައި ފަސް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ދެ ގަޑިއިރުގެ ވަގުތަކަށް ކުރިއަށްދާ މި ފޯރަމްގައި ބައިވެރިވެ، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ”އަހާ“ ސިލްސިލާގެ ދަށުން ބާއްވާ ފަސްވަނަ ފޯރަމެވެ.
”އަހާ“ ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވިފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި ފޯރަމްތަކަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވަޒީރުން މެދުވެރިކޮށް ޖަވާބު ދިނުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.


