ފުލުހުންގެ ތަމުރީނުގައި ހުއްޓާ ހާލު ސީރިއަސްވެ މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާ ނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ފުލުހުންގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް (34އ) ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
ހުސައިން ގާއިސްގެ ހާލުދެރަވެފައިވަނީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ތަމުރީނު ހޯދަމުންދަނިކޮށެވެ. އެގޮތުން މިހަފުތާ އާދީއްތަ ދުވަހު ފަތިހު 4:21 ހާއިރު، ދަރިވަރުންނަށް ގޮވަމުން ދިޔައިރު އޭނާގެ ޚަބަރެއް ނެތި އޮތްކަން ފާހަގަވެ، 4:27 ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި ފަތިހު 4:48 ގައި އިތުރު ފަރުވާއަށް އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.
އެ ދުވަހު މެންދުރު 13:22 ގައި އެއާ އެމްބިއުލާންސްގައި އޭނާ މާލެ ގެނައީ އިތުރުފަރުވާ ދިނުމަށެވެ. އޭނާގެ ހާލު ސީރިއަސް ކަމުން ފަރުވާދިފައިވަނީ ވެންޓިލޭޓަރުގަ އެވެ.



