ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެކި ޙާލަތްތަކުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދު ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރެވޭ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ޤައުމު އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ”ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން“ ކަމަށެވެ. އަދި މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަނީ ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދޭ ދިވެހި ސިފައިންކަމުގައި ވިދާޅުވި އެވެ.
ސިފައިންގެ ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސިފައިން އަބަދުވެސް އަމިއްލަ ނަފުސާއި ޢާއިލާތަކަށްވުރެ އިސްކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތެވެ. އަދި ޤައުމަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ވަގުތެއްގައިވެސް، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު މަސައްކަތްކުރަމުން އަންނަނީ ދިވެހި ސިފައިންކަން ފާހަގަކުރެއްވި އެވެ.
”ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް“ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ތަހުނިޔާގެ ޕޯސްޓެއްވެސް ޙިއްޞާކުރައްވާފަ އެވެ. އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވަނީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ޤައުމު ދެމިއޮތުން ކަމަށާއި، ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުންކަމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް