ދިވެހި މުޖުތަމަޢުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތް ކުރުމަކީ، ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް، ޢިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ .އެވެ
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި ވަނީ ރޭގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އެވެ.
ޤައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ޤައުމުގެ ކަންކަން އިޞްލާޙުވެގެންދާނީ ކޮންފަދައަކުންތޯ ވިދާޅުވެ، ސުވާލު އުފައްދަވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާތްވެގެންވާ ކީރިތި ޤުރުއާނުންވެސް އަޅުގަނޑުމެންނަށް ދައްކުވައިދޭ މަގަކީ މިއީ ކަން ހަނދާންކޮށްދެއްވާފައެވެ. ސައްތަ އިންސައްތަ އިސްލާމީ ޤައުމެއްގައި، އިސްލާމީ ރިވެތި އަޚުލާޤު އަށަގެންނެވުމަށް މަސައްކަތްކުރުމަކީ ޢިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ޤައުމުގެ ކަންކަން އިޞްލާޙުނުވާނެ ކަމަށާއި، މައިންބަފައިންގެ ޢަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށާއި، ތަޢުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ފާހަގަކުރެއްވީ ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމަޢު އިޞްލާޙު ކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި، މާތް ﷲގެ އިރާދަފުޅާއެކު، ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ޖާގައާއި ވަޞީލަތުގެ ގޮތުން ޔުނިވަރސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)