ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާގެ މައްޗަށް ކުރި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އީސަގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުގެ މޭ 19 ވަނަ ދުވަހުގެ ރޭ އޭނަ ދިރިއުޅޭ އެޕާޓްމެންޓްގައި އޭރުގެ އަންހެނުންނާއި ދެމެދު ހިނގި ދެބަސްވުމުގައި، އީސަގެ އަތުންނާއި ފައިން އަންހެންގެ ގައިގެ އެކި ތަންތަނުގައި ޖަހައި އަނިޔާކޮށްފައިވާތީއާއި، އެކަމުގެ ސަބަބުން އޭރުގެ އަންހެނުންނަށް އަނިޔާ ލިބިފައިވާކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގޭތީ އެވެ.
މި މައްސަލައިގައި އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް އީސަ ވަނީ އިންކާރު ކޮށްފަ އެވެ.
ދައުލަތުން ހެކީގެ ގޮތުގައި މި މައްސަލައިގައި ވަނީ އީސަގެ އޭރުގެ އަންހެނުންނާއި، އެގޭގައި ހައުސްމެއިޑްއެއްގެ ގޮތުގައި އުޅުނު ނޭޕާލްގެ ރައްޔިތަކާއި، އީސަ އުޅުނު ގޭގެ ވެރިފަރާތާއި، އީސަގެ އޭރުގެ އަންހެނުންގެ ދެ ކޮއްކޮއަކާއި ދައްތައެއްގެ އިތުރުން ފުލުހުން ހުށަހަޅާފަ އެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި މެޑިކޯ ލީގަލް ރިޕޯޓާއި ސައިކޮލޮޖިކަލް ރިޕޯޓާއި، ފުލުހުންގެ ރިޕޯޓުތައް ހިމެނެ އެވެ.
މި މައްސަލައިގެ ކޯޓު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ހުރިހާ ފަރާތްތަކަކަށް ކޯޓު އަމުރު ފޮނުވިފައިވާ ކަމަށެވެ. އަދި އެ ހެކިންގެ ތެރެއިން ބައެއް ހެކިންގެ ފަރާތުން ހެކިބަސް އަދާކުރަން ބޭނުންނުވާ ކަމަށްބުނެ ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި ހެކިން ކޯޓަށް ހާޒިރުކޮށްދިނުމަށް ދައުލަތަށް ގިނަ ފުރުސަތުތަކެއް ދެވިފައިވާވީނަމަވެސް ދައުލަތަށް ހެކިން ހާޒިރުކޮށްދެވިފައިނުވާތީ، ދައުލަތުން ހުށަހެޅި ބައެއް ހެކިންގެ ހެކިބަސް މި މައްސަލައިގައި ނެގިފައިނުވާކަން ފާހަގަ ކޮށްފައިވެ އެވެ. އޭގެތެރޭގައި އީސަގެ އޭރުގެ އަންހެނުންނާއި އޭނާގެ އާއިލާ މީހުންގެ ހެކިބަސް ނެގިފައެއް ނުވެ އެވެ.
ކޯޓު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިމިފައިވަނީ ހެއްކާބެހޭ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުންނަމަވެސް ހެކިބަސްދިނުމަށް ލާޒިމްކުރުމުގެ އުސޫލުތައް ތަންފިޒުކުރުމަށް މި މައްސަލައިގައި ދައުލަތުން އެދިފައި ނުވާ ކަމަށެވެ.
ހުލާސާ ބަޔާން އިއްވަމުން އީސަގެ ފަރާތުން ބުނެފައިވަނީ، އެރޭ ދެބަސްވުމެއް ހިނގިކަމަށާއި އަދި އީސަ ގެއިން ނުކުންނަށް އުޅުމުން އަންހެނުން ގަދަކަމުން އީސަ ހިފަހައްޓަން ކުރި މަސައްކަތްތަކެއްގެ ނަތީޖާއިން ކަމެއް ހިނގިއްޔާ ހިނގާފައިވަނީ ކަމަށެވެ.
މި މައްސަލައިގައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކުން އީސާގެ މައްޗަށް ދައުލަތުން ކޮށްފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުިވާ ސާބިތުނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.
ކްރިމިނަލް ކޯޓު ގެވެށި އަނިޔާ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)



