އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓެންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
ކޮމިޓިން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އިޒްރޭލް ޕާސްޕޯޓް މައްސަލަ 241 ކޮމިޓީގައި އޮންނަތާ އަހަރެއްވާން ވަނީ ކައިރިވެފަ އެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އިމިގްރޭޝަންގެ ގާނޫނަށް މީކާއިލް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާ ކުރުމަށެވެ.
ކޮމިޓީ މަރުހަލާގައި މީގެ ކުރިން ބަންޑާރަ ނައިބު ވަނީ ބިލުގައި އޮތް ގޮތަށް އެކަން ކުރެވޭނެކަމަށް ދެކިވަޑައި ނުގަންނަވާކަމަށް ވިދާޅުވެފަ އެވެ. އަދި ލަފާ ދެއްވާފައިވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށެވެ.
މިއަދުގެ ކޮމިޓި ބައްދަލުވުމުގައި އިމިގްރޭޝަނުންވެސް ވަނީ އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި އަންނަނަމަ އިޒްރޭލް ރައްޔިތުންނަށް ރާއްޖެއަށް ވަދެވޭ ގޮތް ހެދުމަށް ހުށަހަޅާފަ އެވެ. އިމިގްރޭޝަނުން މި ބަދަލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ބިދޭސީން ރާއްޖެ އެތެރެވުމުގައި އެ މީހުންގެ ގައުމިއްޔަތު ދެނެގަތުމުގައި ބަލަނީ ރާއްޖެ އެތެރެވުމަށް ހުށަހަޅާ ޕާސްޕޯޓު ކަމަށް ވެފައި، ރާއްޖެ އަންނަ އެއްވެސް މީހަކީ ދެ ގައުމެއްގެ ޕާސްޕޯޓު ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހެއްކަން ކަށަވަރު ކުރެވެން އިމިގްރޭޝަނަށް ނެތުމެވެ.
241 ކޮމެޓީ އިޒްރޭލު ޕާސްޕޯޓް އިޒްރޭލް-ފަލަސްތީން މެންބަރު މީކާއިލް ނަސީމް



