މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުހައްމަދު ވަހީދު އަވަހާރަވެއްޖެ އެވެ.
މަޑުލު ވަހީދު އަވަހާރަވެފައިވަނީ އުމުރުން 77 އަހަރުފުޅުގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ވަހީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅަ އުޅުއްވުމަށްފަހުކަމަށް މައުލޫމާތު ލިބެ އެވެ.
ވަހީދަށް ވަނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަ ޝަރަފްތަކެއް ހާސިލް ކުރައްވާފަ އެވެ. އެގޮތުން ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެ އެވެ. އަދި ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.
ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި މަޑުލު ވަހީދު ސަރުކާރުގެ ހިދުމަތުގައި 35 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފަ އެވެ. ވަހީދު ސަރުކާރަށް ހިދުމަތް ކުރައްވަން ފެށްޓެވީ ޑިސެމްބަރު 17، 1966 ގަ އެވެ.
މަޑުލު ވަހީދަކީ ދައުލަތުގެ މީޑިއާގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމު އަދާ ކުރެއްވި ބޭފުޅާ އެވެ. އަދި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގެ އިތުރުން ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގެ މަގާމުވެސް އަދާ ކުރައްވާފައިވެ އެވެ.



