ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑްކޮށްފައިވާކަމަށް އެ އޮފީހުން ބުނެފި އެވެ.
މި ދެ ވަކީލުން ސަސްޕެންޑްކޮށްފައިވަނީ އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ސަސްޕެންޑް ކުރި 2 ވަކީލުންގެ ސަސްޕެންޝަންގެ މުއްދަތެއްކަމަށް އެ އޮފީހުން ބުނެފައިވަނީ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން މައްސަލަ ބަލާ ގޮތެއް ނިންމަދެން ކަމަށެވެ.
ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، އެ އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއްކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މީގެ އިތުރުން މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ބެލުންތަކެއް ހުރުމުން އެ ޚިދުމަތުންވެސް މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
