ނ. މާފަރުގައި ހިންގުމަށް ހަމަޖެހިފައިވާ 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް ސައިޓް މޯބަލައިޒްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމްކުރުމާއި، ފުޓްބޯޅަ ދަނޑެއް ހެދުމާއި، ޕޮލިސް ޕޯސްޓެއް އިމާރާތްކުރުމާއި އަދި އައުޓްޑޯ ޖިމެއް ގާއިމްކުރުމެވެ. މި މަޝްރޫއުތަކަކީ 1200 މީހުންގެ އާބާދީއެއް ދިރިއުޅޭ މާފަރު ރައްޔިތުންނަށް އުމްރާނީ އަދި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ.

މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުންނެވެ. އެއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެންނެވެ.
އެމްޓީސީސީއަކީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އަދި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. މި މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ކުރިއަށްދާނީ އެ ކުންފުނީގެ ތަޖުރިބާކާރު އިންޖިނިއަރުންނާއި މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.
ނ. މާފަރު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)


