ނ. މަގޫދޫގައި ހިންގުމަށް ހަމަޖެހިފައިވާ ދެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މި ދެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ޤާއިމުކުރުމެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ދެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި 11 އޭޕްރީލް 2025 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. 350 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގެ ރައްޔިތުންނަށް މި މަޝްރޫޢުތަކުގެ މަސައްކަތް ފުރިހަމަވުމުން އުމްރާނީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެ އެވެ.

މި މަޝްރޫޢުތައް ފެށިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުފުޅުގެ ދަށުންނެވެ. ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމާއެކު، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ނިމުނު މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހުއްޓިފައިހުރި، އަދި އަލަށް ފަށާ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އޭގެތެރޭގައި އެމްޓީސީސީވެސް ހިމެނޭއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރަކީ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ އަހަރަކަށް ހެދުމެވެ.
ނ. މަގޫދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)



