ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން ގެންދާ ސުލޫކީ މައްސަލައިގެ ފަހު އަޑުއެހުން ނިންމާލައިފި އެވެ.
ފަނޑިޔާރު އަޒްމިރާދަލާގެ ފިރިކަލުން ހައްޔަރުކޮށް ބަންދު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ފިރިކަލުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވާ ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރާ މައްސަލައިގައި ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާގެ ސުލޫކީ މައްސަލަ ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
މި މައްސަލައިގެ ފަހު އަޑު އެހުމަށް ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރު ކުރީ ހެނދުނު 09:00 އަށެވެ. އަދި ފަނޑިޔާރު އަޒްމިރާދާ ޖޭއެސްސީއަށް ހާޒިރު ކުރީ ހެނދުނު 10:00 އަށެވެ.
މިއަދު ކުރިއަށް ދިޔަ މި އަޑު އެހުމުގައި ފަނޑިޔާރުގެ ފަރާތްޕުޅުން ފާހަގަކުރައްވަން ހުރި ކަންކަމަށް ވާހަކަ ދެކެވުނުކަމަށް މައުލޫމާތު ލިބެ އެވެ.
ދެ ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައިގެ ފަހު އަޑު އެހުން ނިންމާލާފައިވާއިރު ދެ އޮންނާނީ ކޮމިޓީގެ ތަހުގީގުގެ ފައިނަލް ރިޕޯޓް ތައްޔާރު ކުރުމެވެ. އެއަށް ފަހު އެ ރިޕޯޓަށް ޖަވާބު ދޭން ފަނޑިޔާރުންނަށް 7 ދުވަސް ދޭނެ އެވެ. ފަނޑިޔާރުންގެ ޖަވާބާއި ކޮމިޓީގެ ރިޕޯޓު ކޮމިޝަނުގެ ބައްދަލުވުމަކަށް ހުށަހެޅުމަށް ފަހު މައްސަލައިގައި ގޮތެއް ނިންމާނީ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އަޒްމިރާލްދާގެ ފަރާތުން މީގެކުރިން ވަނީ ޖޭއެސްސީގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. ނަމަވެސް ޖޭއެސްސީން ނިންމީ މައްސަލަތައް އާންމުންނަށް ހުޅުވާނުލާ ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން މުއާމަލާތްކުރިކަމަށް ބުނާ ތަނުގައި ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރާލްދާ ހުންނެވިކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކްރިމިނަލް ކޯޓު މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)



