މާލެ ސަރަހައްދުގައި ތަރައްޤީކުރާ ޕާކިން އިމާރާތްތަކުގެ ބައެއް އިމާރާތްތައް ނިންމައި އަހަރެއްހާ ދުވަހުގެތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާލެފަހި ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އަދި އެޗްޑީސީއާއި ގުޅިގެން 15 ޕާކިން އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 15 ޕާކިން ޒޯންގައި ޖުމްލަ 4000 އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނޭނެ އެވެ. އަދި މި ޕާކިން ޒޯންތަކުން ޕާކިންއަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީކުރާ އުސޫލުންކަން ވަޒީރު ހާމަކުރެއްވި އެވެ.
މިހާރުވެސް ހުޅުމާލޭގެ ގިނަ ހުސްބިންތަކުގައި ޕާކިން ޒޯންތައް ސަރުކާރުން ވަނީ ޤާއިމުކޮށްފަ އެވެ. އަދި މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ނެވެ.
މި މަޝްރޫޢަކީ މާލޭގެ ޕާކިންގ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ. އަދި މި މަޝްރޫޢު ފުރިހަމަވުމުން މާލޭގެ މަގުތަކުގައި އުޅަނދުތައް ނުބައިކޮށް ޕާކުކުރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
