އައްޑޫ ސިޓީ ފޭދޫ ލިންކް ރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއް ދުއްވަމުން ދިޔަ ފަރާތް މަރުވެއްޖެ އެވެ.
މި އެކްސިޑެންޓަކީ ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 7:30 ހާއިރު އެވެ. އެކްސިޑެންޓްގައި މަރުވެފައިވަނީ ފޭދޫ، އުލްފަތު، އިބްރާހިމް ސިޔާދު އެވެ. އޭނާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަމުން ދިޔަ ފަރާތް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ގދ. ފިޔޯރީ މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒް (23 އަހަރު) އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
