އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ އޮންލައިން ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި އެފަދަ ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަމެވެ.
ފުލުހުން ފާހަގަކުރާ ގޮތުގައި މި ސްކޭމްތަކުގެ ތެރޭގައި ފިޝިންގ މެސެޖްތަކާއި އީމެއިލްތައް ފޮނުވުމާއި، ކްރެޑިޓް ކާޑު ސްކޭމްތަކާއި، 2-ޑީ ކާޑު ސްކޭމްތައް ހިމެނެ އެވެ. މި ސްކޭމްތަކުގައި އާންމުކޮށް ބޭނުންކުރަނީ އޯޑަރގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.
ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތައް
ފުލުހުން ވަނީ މި ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުންނަށް އިރުޝާދުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުމާއި، ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް ސަމާލުވުން ހިމެނެ އެވެ. އަދި ”ޕާރސަލް ލިބިފައި ނުވޭ“ ނުވަތަ ”ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން“ ފަދަ މެސެޖްތަކަށް ސަމާލުވުމަށްވެސް އިރުޝާދު ދީފައިވެ އެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް ފުލުހުން އިރުޝާދު ދެއެވެ. އަދި މިފަދަ ހާދިސާތައް ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް އިރުޝާދު ދީފައިވެ އެވެ.
އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމަށާއި، ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުމަށް ފުލުހުން ލަފާދެ އެވެ. އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން ކަން ކަށަވަރުކުރުމަށްވެސް އިރުޝާދު ދީފައިވެ އެވެ.



