މުލިއާގޭގެ ހަރަދުތަކާއި ގުޅޭގޮތުން ތޭރަ އޮންލައިން ޝާއިރުކޮށްފައިވަނީ ދޮގު ހަބަރެއް ކަމަށާއި، ކުރީގެ ރައީސުންނަށްވުރެ މުލިއާގޭގެ ހަރަދުތައް މިހާރު ކުޑަވާނެކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމް ވިދާޅުވެއްޖެ އެވެ.
ތޭރަ އޮންލައިން އިން ޝާއިއުކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އެއް ދުވަހުގެ ކެއުމަށް އެކަނި 9،000 ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި މިކަން ހާމަވެފައިވަނީ އާރަށަށް ގެންދިއުމަށް ގަނެފައިވާ ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.
އެ ވާހަކަތައް ދޮގުކޮށް، އިގްބާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ މި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު!“ ހަބަރެއް ކަމަށެވެ. އަދި ޙަޤީޤަތާއި ޚިލާފް މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އިޤްބާލް ވަނީ ގޮވާލައްވާފަ އެވެ.
ދައުލަތުގެ މީޑިއާ ވާހަކަދައްކަވަމުން އިޤްބަލް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވި ހިސާބުން ފެށިގެން މުލިއާގޭގެ ބަޖެޓުން ކުރެވޭ ހަރަދުތައް، ކުރީގެ ރައީސުން ފަރީއްކޮޅާއި އެޒާތުގެ ކަންކަމަށް ކުރައްވާފައިވާ ހަރަދުތަކާ އަޅާބަލާއިރު އެތައް ގުނައެއް ކުޑަވާނެއެވެ. އިގްބާލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު އަބަދުވެސް ލަފާދެއްވަނީ ހުރިހާ ހަރަދެއްވެސް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ކަންކަން ކުރުމަށެވެ. އަދި މުލިއާގޭގެ ހަރަދުތައް ބަލަހައްޓަމުން ގެންދަނީވެސް މި އުސޫލުންނެވެ.
މި ފަހަކަށް އައިސް ޗެނަލް ތޭރެއިން ގެންދަނީ، މި ސަރުކާރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުގެ ހަޤީޤަތެއް ބެލުމެއްނެތި، އެފަދަ ވާހަކަތައް ޝާއިރުކޮށް ގެނެސްދެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް އިގްބާލް އާދަމް މުލިއާގެ
