އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން މައި މަގު ހެދުމަށް އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒްގެ ބައެއް ކޮޓަރިތައް ނަގަންޖެހޭ ބިން ހޯދުމަށް އޭއައިއޭއިން ކޯޓަށް ދާން ނިންމައިފި އެވެ.
މި މައްސަލައާ ގުޅިގެން އީކުއޭޓާ ވިލެޖު ހިންގާ ކައިމޫއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ބިން ހަވާލުނުކުރީ އެތަނުގައި ހޮޓަލުގެ މުވައްޒަފުންގެ ލޭބާ ކުއާޓާސްއާއި އެހެނިހެން މުހިންމު ތަންތަނާއި ހޮޓަލުގެ އޮޕަރޭޝަންސްގެ ތަންތަން ހުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ބުނެފައިވަނީ އެ ސަރަހައްދަކީ އޭއައިއޭގެ ހަރުމުދާ ކަމަށާއި، 2013 ވަނަ އަހަރު ހަމަޖެހިފައިވާ އުސޫލުން ބޭރުން އެހެން ފަރާތަކަށް ބަދަލުކޮށްފައިވާ ތަނެއް ކަމަށެވެ.
އީކުއޭޓާ ވިލެޖުން ބިން ހަވާލުނުކުރުމުގެ ސަބަބުން ފާއިތުވި ދެ އަހަރު ވެސް މަގު ހެދުމަށް ބޭނުންކުރާ ސަރަހައްދު ހުސްކުރެވިފައި ނުވާތީ، އެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ. މިކަމުގެ ސަބަބުން މަޝްރޫއުގެ ދަށުން ޑިޒައިންކޮށް ތަރައްގީކުރަމުންދާ ނަރުދަމާއާއި ފެނުގެ ނިޒާމް އަދި މަގު ބައްތިތަކަށް ބޭނުންވާ ކަރަންޓް ކޭބަލްތައް އެޅުމުގެ މަސައްކަތަށް ވެސް ހުރަސްއެޅޭނެ ކަމަށް އޭއައިއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
އޭއައިއޭއިން އިތުރަށް ބުނެފައިވަނީ މި މަސައްކަތްތައް ފުރިހަމަ ނުކުރެވިއްޖެނަމަ، މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ އެއްވެސް އިމާރާތެއްގެ ބޭނުން ނުކުރެވޭނެ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް އޭއައިއޭއިން ކޯޓަށް ދިއުމަށް ނިންމާފައިވަނީ މި މަޝްރޫއުގެ މަސައްކަތްތައް އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައެވެ.
