ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތްކަމަށްބުނެ މީޑިއާއަކުން ކުރި ރިޕޯޓާއި ގުޅިގެން ކަމުގެ ހަގީގަތް ފަޒީލް ރަޝީދު ހާމަކުރައްވައިފި އެވެ.
ފަޒީލް ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަނެފައިވާ ކަމަށް ރާއްޖޭގެ މީޑިއާއަކުން މިއަދު ކުރި ރިޕޯޓާއި ގުޅިގެން ފަޒީލް ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އޭނާއާއި ބެޗް ކޮންސްޓަލްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޕާޓްމެންޓް ގަނެފައިވަނީ 20 އޯގަސްޓް 2017 ވަނަ އަހަރު ކަމަށެވެ.
”އެޕާޓްމެންޓަށް އަޅުގަނޑު ފައިސާ ދެއްކީ، 20 އޮގަސްޓް 2019 ގައެވެ. ފައިސާ ދައްކާފައިވަނީ އެޗް.ޑީ.އެފް.ސީން 2017 ވަނަ އަހަރު ނަގާފައިވާ ލޯނު މެދުވެރިކޮށެވެ.“ ފަޒީލް ވިދާޅުވެފައިވެ އެވެ.
https://x.com/MohamedFazeelR/status/1910281598291017752
އެޗް.ޑީ.އެފް.ސީން ނަގާފައިވާ ލޯނަށް އަދިވެސް ފައިސާ ދައްކަމުންދާކަން ފާހަގަކޮށް ފަޒީލް ވިދާޅުވީ އެޕާޓްމެންޓަށް ދައްކަންޖެހޭ ފައިސާ 2019 ވަނަ އަހަރު ދައްކާފައިވީނަމަވެސް އެޕާޓްމެންޓް އޭނާގެ ނަމަށް ބަދަލުކުރުން ލަސްވާތީ އެކަމުގެ ޝަކުވާ ވޭތުވެދިޔަ އަހަރުތަކުގައި ބެޗް ކޮންސްޓްރަކްޝަންއާ ހިއްސާކޮށްފައިވާ ކަމަށެވެ.
މި ހަބަރު ރިޕޯޓު ކުރުމުގައި އެއްވެސް މައުލޫމާތެއް ސާފުނުކޮށް، އަދި މުއާމަލާތް ހިނގި ތާރީހު ބަޔާންކުރުމަކާ ނުލައި ރިޕޯޓު ކޮށްފައިއޮތީ ކަމުގެ ހަގީގަތް މީހުންނަށް އޮޅުވާލުމަށް ކަމުގައި ދެކޭކަމަށްވެސް ފަޒީލް ބުނެފައިވެ އެވެ.
