ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން މައްސަލައަށް ބޮޑު ހައްލުތައް ލިބެމުން އަންނަކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ހެލްތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ބައެއް ބޭސްތައް ލިބުމުގައި ދޭތެރެ ދޭތެރެއިން ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮންނަނީ ބައެއް ހާލަތްތަކުގައި ބޭސް ސަޕްލައިގެ ޝޯޓޭޖް ކަމަށް ފާހަގަކުރެއްވި އެވެ.
މި މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކުރުމަށް އެ ކުންފުނީގެ ނިޒާމު ވަރުގަދަކުރުމާއި، ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަރނަންސް ހަރުދަނާކުރުން ހިމެނެ އެވެ. މީގެ އިތުރުން، އެ ދާއިރާގެ މުވައްޒަފުންގެ އަދަދު އިތުރުކޮށް، އެސްއޯޕީތައް އެކުލަވާލައިގެން މުވައްޒަފުން ޒިންމާދާރުކުރުވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުޔެއް ހޯދައިދޭނަން. މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދޭ،“ މިނިސްޓަރ ވިދާޅުވި އެވެ.
އިތުރު އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި އާސަންދަ ޕޯޓަލްއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ޓްރީޓްމަންޓް ގައިޑްލައިންތައް އަޕްޑޭޓްކުރުމާއި، އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ. އަދި އެސްޓީއޯގެ ފާމަސީތަކުގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ، މިކަންކަން މިގޮތައް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިންހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބޭނެ ކަމަށެވެ.
”މާގިނަ ދުވަސްތަކެއްނުވެ މި ކަންބޮޑުވުމަށް ހިންހަމަޖެހޭ ހައްލެއް ހޯދޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް.“
ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް އެތެރެކުރުމަށް ނިންމާފަ އެވެ. އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ފަށުން އަސާސީ ހުރިހާ ބޭހެއް އެސްޓީއޯ އިން ގެނެސް ވިއްކަން ވަނީ ފަށައިފަ އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް
