ތެލަސީމިއާ ސެންޓަރު އައު އިމާރާތަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ އެތަނާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ނޫންކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަކީ މާކުރިން ރޭވިފައިވާ ކަމެކެވެ. މިގޮތަށް ނިންމާފައިވަނީ މިހާރުގެ އިމާރާތް ބާވެފައިވާތީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
”މިކަމުގެ މުހިންމުކަމާއި ހާއްސަކަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަތުމާ ގުޅިގެން މިހާރު މިދަނީ ބާރު ސްޕީޑެއްގައި މި މަސައްކަތް ކުރިއަށް،“ މިނިސްޓަރު ވިދާޅުވި އެވެ. އަދި ތެލަސީމިއާ ކުދިންނަށް ވަރަށް އަވަހަށް ހިތްފަސޭހަ، ރަނގަޅު އިމާރާތެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
ތެލަސީމިއާ ކުދިންނަށް ލޭ އެޅުމުގައި ބޭނުންކުރާ ފިލްޓަރުތަކުގެ މައްސަލައަކީ މައިންބަފައިންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރު އެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބި، ކުރިން ނުލިބުނު ވައްތަރުގެ ފިލްޓަރުތައް މިހާރު ވަނީ އެ އިދާރާއަށް ލިބިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް ނިންމާފައިވަނީ ހުޅުމާލެގައި ހުންނަ އޮރެންޖް ބިލްޑިންގއަށެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް ތެލެސީމިއާ
