ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ މުސްތަޤްބަލު ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަަކަފުޅުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީއެއްގެ، އަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްޤީގެ އައު ސަފްހާއެއް ހުޅުވިގެންދާނޭކަން ފާހަގަކުރެއްވިއެވެ.
ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ޤައުމުތަކެއްކަމަށާއި އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ތަރައްޤީ ކަށަވަރުކުރުމަކީ ހައްސާސް މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ދަރަނީގެ މައްސަލަތައް ހައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއްކަމަށް ވިދާޅުވެފަ އެވެ. މިފަދަ މެކޭނިޒަމެއް ތަންފީޒުކުރުމުގެ ސަބަބުން، ކޮންމެ ޤައުމެއްގެ ހާލަތު ވަޒަންކުރެވި، އެހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫއުތައް ހިންގައި، އެފަދަ ޤައުމުތަކުގެ މާލީ ފުދުންތެރިކަން ޤާއިމްވުމަކީ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ އިންސްޓްރޫމަންޓެއްގެ އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު، ވިލުންވެރިކަމުގެ އަމާޒުތައް ގުޅުވައި، ދެމެހެއްޓެނިވި ތަރައްޤީއަށް އިންވެސްޓްކުރުމަށް މާލީ ތަނަވަސްކަން ޤާއިމުކޮށްދިނުންކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި، އަޅުގަނޑުމެންގެ މުސްތަޤްބަލު ރައްކާތެރިކުރުމަށްވެސް ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އެކުވެރި ދައުލަތްތަކުގެ 38 ޤައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ޤައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ. ދިވެހިރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއާ އެވެ.
