މަގާމުން ރިޓަޔާ ކުރައްވާ ފަނޑިޔާރުންނާއި ސިފައިން އަދި ފުލުހުން ޕެންޝަން ފައިސާ ނަންގަވަމުން އެހެން މަގާމުތައް އަދާކުރައްވާތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ، ޑަބަލް ޕެންޝަންގެ މައްސަލައިގައި ކޮމިޓީގެ ބައެއް މެންބަރުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފަ އެވެ. ޕެންޝަން އޮފީހުން ހިއްސާކޮށްފައިވާ ކަރުދާހަކާއި ގުޅޭގޮތުން ކުރިއަށްދާ މި މަޝްވަރާތަކުގައި މިއަދު ކޮމިޓީގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މަގާމުތަކުން ރިޓަޔާ ކުރެއްވުމުން ބޮޑު ޕެންޝަނެއް ލިބޭ ފަރާތްތަކުން ސިޔާސީ މަގާމުތައް ފުރުއްވާ އަދި އެހެންވެސް މަގާމުތައް އަދާކުރައްވަމުންދާތީ އެކަންކަން ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން ނާޒިމް ވިދާޅުވީ ފަނޑިޔާރުން މަގާމުން ރިޓަޔާ ކުރެއްވުމުން އުމުރު ދުވަހަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ޕެންޝަން ނަންގަވަމުންވެސް ކޯޓުތަކުގައި ވަކާލާތު ކުރައްވަން ވަޑައިގަންނަވާ ކަމަށާއި އަދި އެހެންވެސް ވަޒީފާތަކަށް ވަޑައިގަތުން އާންމުވެފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ މިކަމަކީ ޕެންޝަންގެ ނިޒާމު ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ކަމަށެވެ.
”ރިޓަޔާ ކުރައްވަނީ، ކުރެއްވީމާ މުޅި އުމުރަށް މަރުވަންދެން ބޮޑު އިނާޔަތެއް ލިބޭ. ދެން އިނާޔަތް ނަންގަވަމުން ވަޑައިގަންނަވަނީ އެހެން ޖޮބަކަށް..“ ނާޒިމް ވިދާޅުވި އެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޕެންޝަން ދެމުންދަނީ ހަމަހަމަ އުސޫލަކުން ނޫން ކަމަށެވެ. އެގޮތުން ޔުނިފޯމް އެޅި އިދާރާތަކުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންވެސް ރިޓަޔާ ވުމަށްފަހު ޕެންޝަން ނަންގަވަމުން އެހެން މަގާމުތައް އަދާ ކުރައްވާކަން ފާހަގަ ކުރެއްވި އެވެ.
ޑަބަލް ޕެންޝަންގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުންގެންދާއިރު މި މައްސަލައިގައި ޕެންޝަން އޮފީހާ އަދި ކަމާބެހޭ އެހެން އިދާރާތަކާ މަޝްވަރާ ކުރުމަށް މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައިވެސް ޑަބަލް ޕެންޝަންގެ މައްސަލައިގައި މެންބަރުން ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފައިވެ އެވެ.
ސިވިލް ސާވަންޓުންނަށް ފަހިވާނެގޮތަށް މަޖިލީހުން ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަނީ


