ހިޔާ ފްލެޓުތަކުގައި އިތުރަށް ހަރުކުރަމުންދާ ލިފްޓުތަކުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރ ޙަސަން ޝަހީދު ވިދާޅުވި ގޮތުގައި ހިޔާ ފްލެޓުގެ ޓަވަރު 1، 2 އަދި 3 ގައި އިތުރު ލިފްޓު ހަރުކޮށް ނިމި، މިހާރު ވަނީ ޓެސްޓުކުރުމުގެ މަރުހަލާގަ އެވެ. އަދި ފުރަތަމަ ދެ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބޭނުންކުރެވޭނެ ކަމަށާއި، ޓަވަރު 3 އަދި 4 ގައި ހަރުކުރާ ލިފްޓުތައް އަންނަ މަސް ނިމުމުގެ ކުރިން ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ އެވެ. އެއީ ޕެސެންޖަރުންނަށް ޚާއްސަ ލިފްޓަކާއި ސްޓްރެޗަރ ލިފްޓެކެވެ. ހިޔާގެ 16 ޓަވަރުގައި ޖުމުލަ 32 ލިފްޓު ހަރުކުރާނެ އެވެ. މި މަޝްރޫޢުގެ ޖުމުލަ އަގަކީ 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ) އެވެ.
އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ވިދާޅުވި ގޮތުގައި މި ލިފްޓުތަކަކީ ޚާއްސަ ސިފަތަކެއް ހުރި ލިފްޓުތަކެކެވެ. ”މި ލިފްޓުތަކުގެ ދުވެލި މިނެޓަކު ދެ މީޓަރުގެ ސްޕީޑެއްގައި ދަތުރުކުރެވޭނެ، އަދި ލޮލަށް ނުފެންނަ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ލިފްޓުގެ ނަންބަރުތައް އެންގްރޭވްކޮށްފައި ހުންނާނެ،“ އޭނާ ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ 58 އިންސައްތަ މިހާރު ވަނީ ނިމިފަ އެވެ. އަދި މަޝްރޫޢުއަށް ބޭނުންވާ 75 އިންސައްތަ ތަކެތި މިހާރު ވަނީ ރާއްޖެ ގެނެވިފަ އެވެ. ބާކީ ހުރި ތަކެތި 45 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެވި، ނޮވެންބަރު މަހުގެ ތެރޭގައި ހުރިހާ ލިފްޓެއް ބޭނުންކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
”ހުކުރު ވަގުތާއި ސްކޫލް ފެށޭ ނިމޭ ގަޑީގައި ވަރަށް ބޮޑަށް ލިފްޓު ބާރު ބޮޑުވޭ. މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ،“ ޝަހީދު ވިދާޅުވި އެވެ.
ހިޔާގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ އެވެ.



