މާލޭ ސިޓީގެ ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅު (ހެންވޭރު ފެހީ ޓަރމިނަލް އިން ފެށިގެން މަސްމާރުކޭޓު ސަރަހައްދާ ހަމައަށް) ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫޢަކީ 144.50 މިލިއަން ރުފިޔާގެ އަގުގައި 455 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހެދުމާއި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވޭނެ އެވެ. މީގެ އިތުރުން، ތާރު އެޅުމާއި، ހިނގާ މީހުންނަށް ވަކި ލޭން ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ. އަދި ޑްރެއިނޭޖް ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެ އެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅަކީ މާލޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ. މި މަޝްރޫޢު ނިމުމުން، އެ ސަރަހައްދުގައި ފަސޭހަކަމާއެކު ދެކޮޅަށް ދަތުރުކުރެވޭނެ އެވެ. އަދި އުޅަނދުފަހަރު ޕާކުކުރާނެ އިތުރު ޖާގަވެސް ލިބި، ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއެކު ނިންމާފައެ ވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެ އެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)
