ބިދޭސީ މަސައްކަތްތެރިންގެ ފީ ގަވާޢިދުން ދައްކާ ފަރާތްތަކުގެ އަދަދު 50 އިންސައްތައަށްވުރެ މަތިވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވި ގޮތުގައި، ”2023 ވަނަ އަހަރު ނިމުނުއިރު ބިދޭސީންނާ ގުޅުންހުރި ފީތައް ގަވާއިދުން ދައްކަމުން ދިޔައީ އެންމެ 22 އިންސައްތަ ފަރާތްތަކުން“ ކަމަށެވެ. ނަމަވެސް މިހާރު އެ ނިސްބަތް ވަނީ 50 އިންސައްތައަށްވުރެ މައްޗަށް އަރާފަ އެވެ.
މި ސަރުކާރުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބިދޭސީންނާ ގުޅުންހުރި ފީތައް ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސައިދީފަ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތަށް ލިބެންޖެހޭ 1.9 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.1 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ.
އެހެންނަމަވެސް، އަދިވެސް 900 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބި އޮތްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި އެވެ. މި ގޮތުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފީ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކުރެވެ އެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ އިތުރުން، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން އަންނަނީ ރެއިޑްތަކެއްވެސް ޖަހަމުންނެވެ.
ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
