މިއަހަރުގެ ފުރަތަމަ ދެމަހު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު، ފާއިތުވި އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 35 އިންސައްތަ އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީ މަހު ރާއްޖެއިން 14،222.6 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ މިމުއްދަތުގައި އެކްސްޕޯޓްކުރި 10،526.7 މެޓްރިކް ޓަނާ އަޅާބަލާއިރު 3،695.9 މެޓްރިކް ޓަނުގެ އިތުރުވުމެކެވެ.
އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް 10،402 މެޓްރިކް ޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި އެކްސްޕޯޓްކުރި 6،466 މެޓްރިކް ޓަނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.
މީގެއިތުރުން، މިއަހަރުގެ ފުރަތަމަ ދެމަހު 2،468 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވެއެވެ. އަދި މަސްދަޅު އަދި ޕޯޗްޑް މަހުގެ ގޮތުގައި 750 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މަހުގެ މިންވަރު އިތުރުވެފައިވާއިރު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއާތް އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވި ދަތިތައް ހައްލުކޮށް، މަސްވެރިންނަށް އަންނަނީ ބަރާބަރަށް ފައިސާވެސް ދޫކުރަމުންނެވެ. އޭގެއިތުރުން، ރާއްޖޭގައި މަސް ރައްކާކުރުމަށް ހުރި ފެސިލިޓީތަކުގެ އަދަދު އިތުރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އެމްއެމްއޭ މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
