މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި ފައިސާ ގެއްލިފައިވާ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައިސް އަހުމަދު ނާޒިމް ގެންނަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީއާ ކަންކަން ޕީސީބީގެ ގަވައިދުތަކާ އެއްގޮތަށް ހުރިތޯ ބަލަންޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި ފައިސާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
”އެ ފައިސާ ހޯދުމުގެ ކަންތަކުގައިވެސް އެއްވެސް ކާމިޔާބީއެއް ނުލިބި މިދިޔައީ. އެކަހަލަ ކަންތައްތައް އެބަހުރި.“ ނާޒިމް ވިދާޅުވި އެވެ.
ޕީސީބީން ވަކިގޮތަކަށް ޕްރޮކިއުމަންޓް ޕޮލިސީއާކަންކަން ހަމަޖައްސާފައިވަނިކޮށް، އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސަށް ފައިސާދީ އެ ފައިސާ ގެއްލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ގޭސް ޝިޕްމަންޓްގެ އެޑްވާސްގެ ގޮތުގައި ދައްކާފައިވަނީ 240،000 ޑޮލަރު ކަމަށާއި އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެލްޕީޖީ ޝިޕްމެންޓަކަށް ދައްކާފައިވާ ލާރިއެއްކަމަށްވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.
”އެސްޓީއޯގެ އެމްޑީ ވިދާޅުވެފައި އޮތީ ސުންގަޑިއެއް ދެއްވާފައި، އެ ސުންގަޑިއަށް އެ ފައިސާ ނުހޯދިއްޖެކަމަށްވަންޏާ ދެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނަމޭ.“ ނާޒިމް ވިދާޅިވި އެވެ.
އެހެންކަމުން އެފަދަ ސްޕެސިފިކް މައްސަލަތައް އަދި އެކަންކަން ތަކުރާރު ނުވާނެގޮތެއް މާލިއްޔަތު ކޮމިޓީން ބަލަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ނާޒިމް ވަނީ ގޭސް ގޭސް ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި ފައިސާ ގެއްލިފައިވާ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެސްޓީއޯއަށް ކޮމިޓީގެ މުގައްރިރު ސިޓީއަކުން ދެންނެވުމަށްވެސް ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މާލިއްޔަތު ކޮމެޓީ މޯލްޑިވް ގޭސް
